ޙަބަރު

ޑެޕިއުޓީ މިނިސްޓަރ ހާލިސް ޝަރީފް މެލޭޝިއާގެ ހައުސިންގ މިނިސްޓަރާޢި ބައްދަލުކުރައްވައިފި

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލެޕްމެންޓުގެ ޑެޕިއުޓީ މިނިސްޓަރ ހާލިސް ޝަރީފް މެލޭޝިއާގެ މިނިސްޓަރ އޮފް ހައުސިންގ އެންޑް ލޯކަން ގަވަރމެންޓް ޒުރައިދާ ބިންތް ކަމަރުއްދީނާއި ބައްދަލުކުރައްވައިފިއެވެ.

މެލޭޝިއާގެ ޕެނަންގްގައި މިމަހު 15 އިން 17 އަށް ކުރިއަށްދާ ހަތް ވަނަ އޭޝިއާ-ޕެސިފިކް އަރބަން ފޯރަމްގެ ހަވާސާގައި މިއަދު ބޭއްވި މިބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ބެހޭ ގޮތުން މެލޭޝިއާ ސަރުކާރުގެ އިސްވެރިންނަށް ޑެޕިއުޓީ މިނިސްޓަރ ހާލިސް ޝަރީފް މައުލޫމާތު ދެއްވިއެވެ. އަދި މެލޭޝިއާގެ ހައުސިންގ މިނިސްޓްރީ އާއި ގުޅިގެން އިތުރަށް މަސައްކަތް ކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

މެލޭޝިއާގެ ހައުސިންގ މިނިސްޓަރ ޒުރައިދާގެ ވާހަކަފުޅުގައި މެލޭޝިއާ ސަރުކާރުން ވެދެވެން އޮތް އެހީތައް އޮޅުންފިލުއްވައި ދެފަރާތުން ގުޅިގެން މަސައްކަތްކުރުމަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ. .

މިބައްދަލުކުރެއްވުމުގައި ޑެޕިއުޓީ މިނިސްޓަރ ހާލިސް ޝަރީފުގެ އަރިހުގައި ހައުސިންގ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ޑިރެކްޓަރ މަރިޔަމް ޝަކީލާ ‏ބައިވެރިވެވަޑައިގެންނެވިއެވެ.