ޙަބަރު

އައްޑޫ އާއި ތިނަދޫގައި އިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓް ސަރަހައްދުގެ ލޭންޑްސްކޭޕް ހެދުމާއި މަގުބައްތި ޖެހުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އައްޑޫ ސިޓީ އާއި ގދ. ތިނަދޫގައި އިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓް ސަރަހައްދުގެ ލޭންޑްސްކޭޕް ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު ސޮއިކޮށްފިއެވެ.

ސަރުކާރުގެ ބޯހިޔަވާހިކަމުގެ ސިޔާސަތުގެ ދަށުުން ގދ. ތިނަދޫ އާއި އައްޑޫ ސިޓީ ހިތަދޫގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓް ސަރަހައްދުގެ ލޭންޑްސްކޭޕް ހެދުމާއި މަގު ބައްތިޖެހުމުގެ މަސައްކަތުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއެވެ.

ގދ. ތިނަދޫގައި 120 ހައުސިންގ ޔުނިޓް އިމާރާތްކޮށްފައިވާ އިރު އެ ސަރަހައްދުގެ ލޭންޑްސްކޭޕާއި މަގުބައްތި ޖެހުމުގެ މަސައްކަތް 120 ދުވަސްތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވަނީ  4704086.82 (ހަތަރު މިލިއަން ހަތްލައްކަ ހަތރުހާސް އަށްޑިހަ ހަރުފިޔާ އަށްޑިހަ ދެލާރި) ދިވެހި ރުފިޔާއަށެވެ. 

އައްޑޫ ސިޓީ ހިތަދޫގައި 264 ހައުސިންގ ޔުނިޓް އިމާރާތްކޮށްފައިވާ އިރު އެ ސަރަހައްދުގެ ލޭންޑްސްކޭޕާއި މަގުބައްތި ޖެހުމުގެ މަސައްކަތް 180 ދުވަސްތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވަނީ  5328775.03 (ފަސްމިލިއަން ތިންލައްކަ އަށާވީސްހާސް ހަތްސަތޭކަ ހަތްދިހަ ފަސްރުފިޔާ ތިން ލާރި) ދިވެހި ރުފިޔާއަށެވެ. 

މި މަޝްރޫޢުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ޚާލިސް ޝަރީފެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކުންފުނީގެ ސީނިއަރ މެނޭޖަރ ހަސަން ޔާސިރެވެ.