ޙަބަރު

މ. ކޮޅުފުށީގައި އިމާރާތް ކުރަން ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މ. ކޮޅުފުށީގައި އިމާރާތް ކުރަން ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފިއެވެ.

ހައުސިންގ މިނިސްޓްރީގައި މިއަދު ބޭއްވި ސޮއިކުރުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު ވިޝާން ނަސީމެވެ. ޕްރިސިޝަން އިންޖިނިއަރިންގ ސަރވިސަސް އާއި ޕީ.އީ.އެސް މެރިން ސަރވިސަސްގެ ފަރާތުން ސޮއި ކުރެއްވީ އެކުނުފުނީގެ މެނޭޖިންގ ޑިރެކްޓަރ ޕީ.ޑަބްލިއު ތިލަކަރަތްނަ އަދި ޕީ.އީ.އެސް މެރިން ސަރވިސަސްގެ ގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ޤާސިމެވެ.

މި މަޝްރޫއުގެ ދަށުން މ. ކޮޅުފުށީގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 100 ހައުސިންގ ޔުނިޓް އިމާރާތްކުރެވޭނެއެވެ. މި ޔުނިޓްތައް އިމާރާތް ކުރެވޭނީ އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ 1100 އަކަފޫޓުގެ 100 ގޯތީގައި  3 ކޮޓަރިއާއި، 3 ފާހަނާ އަދި ސިޓިންރޫމާއި ބަދިގެ އަދި ސްޓޯރޫމަކާއި ދޮންނަމެޝިން ބަހައްޓާ ތަނެއް ހިމެނޭގޮތަށެވެ.

މި މަސައްކަތް ހަވާލުކުރެވިފައިވަނީ ޕްރިސިޝަން އިންޖިނިއަރިންގ ސަރވިސަސް އާއި ޕީ.އީ.އެސް މެރިން ސަރވިސަސް ޖޮއިންޓް ވެންޗަރ ކުންފުންޏާއެކު 350 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް   75,772,086.00 (ހަތްދިހަ ފަސް މިލިއަން ހަތްލައްކަ ހަތްދިހަ ދެ ހާސް އައްޑިހަ ހަ) ދިވެހި ރުފިޔާއަށެވެ.