ޙަބަރު

ޅ.ނައިފަރުގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓްގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި

ސަރުކާރުގެ ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓް ތަކުގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޅ.ނައިފަރުގައި ޢިމާރާތްކުރާ 100 ހައުސިންގ ޔުނިޓްގެ ޑިޒައިން އެންޑް ބިލްޑް ޢުސޫލުން ޑިޒައިންކޮށް ޢިމާރާތް ކުރުމުގެ މަސައްކަތް  ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ މިއަދު ޙަވާލުކޮށްފިއެވެ. 330 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރެވިފައިވާ މި މަޝްރޫޢުގެ ޖުމްލަ ޚަރަދަކީ 72،274،661.71 (ހަތްދިހަ ދެ މިލިއަން ދެ ލައްކަ ހަތްދިހަ ހަތަރުހާސް ހަ ސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ ހަތްދިހަ އެއްލާރި) ދިވެހި ރުފިޔާއެވެ.

މި ހައުސިންގ ޔުނިޓްގައި ހިމެނެނީ ތިންބުރީގެ ތިން ބްލޮކްއާއި ހަތަރުބުރީގެ އެއް ބްލޮކްއެވެ. ތިންބުރީގެ ތިން ބްލޮކްގައި ހިމެނެނީ 24 އެޕާޓްމަންޓް ޔުނިޓެވެ. އަދި ހަތަރުބުރީގެ ބްލޮކްގައި ހިމެނެނީ 28 އެޕާޓްމަންޓް ޔުނިޓެވެ. ކޮންމެ ޔުނިޓްއެއްގައި ހިމެނެނީ 3 ކޮޓަރި، 3 ފާޚާނާ، 1 ސިޓިންގް/ޑައިނިންގް ރޫމްއެވެ. މީގެ އިތުރުން އަމިއްލަ ގޯއްޗެއްގައި ( 1,000އަކަފޫޓޫ) އެއްބުރީގެ 1 ހައުސިންގ ޔުނިޓް އިމާރާތްކުރުން މި މަޝްރޫޢު ތެރޭގައި ހިމެނެއެވެ. މި ހައުސިންގ ޔުނިޓްގައި ހިމެނެނީ 3 ކޮޓަރި، 3 ފާޚާނާ އަދި 1 ސިޓިންގް ރޫމް އަދި ސްޓޯރޭޖް އޭރިއާއެވެ.

މި މަޝްރޫޢުގެ ރަސްމީ އެއްބަސްވުމުގައި މިއަދު ވަނީ (26 ޖަނަވަރީ 2020) ސޮއިކޮށްފައިއެވެ. މިއެއްބަސްވުމުގައި މި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ޚާލިސް ޝަރީފް އެވެ. އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އިބްރާހިމް ރަޝީދު (ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ) އެވެ.