ޙަބަރު

ފުވައްމުލައް ސިޓީގައި އިމާރާތް ކުރެވިފައިވާ ފްލެޓު ލިބުނު ފަރާތްތަކާއި އެގްރީމަންޓްގައި ސޮއިކޮށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ފެށިއްޖެ

 ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ލިބުނު ފަރާތްތަކުން ފްލެޓާއި ހަވާލުވުމުގެ ގޮތުން ސަރުކާރާއިއެކު އެއްބަސްވުމުގައި ސޮއިކޮށް ޑައުންޕޭމެންޓު ދައްކައި ފްލެޓާއި ހަވާލުވާން ފަށައިފިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ލިބިފައިވާ ހައްގުވެރި ފަރާތްތަކާއި ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ހައުސިންގ މިނިސްޓްރީ އާއި ފުވައްމުލައް ސިޓީ ކައުންސިލާއި ގުޅިގެންނެވެ. މިގޮތުން މިހާރު ކުރަމުން ދަނީ ފްލެޓުތައް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި، ޑައުންޕޭމެންޓު ދެއްކުމާއި ފްލެޓާއި ހަވާލުވުމުގެ މަސައްކަތެވެ.

ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 19،000ރ. ދައްކަން ޖެހެ އެވެ. ހައުސިންގ މިނިސްޓްރީން ބުނިގޮތުގައި އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާތީ ފްލެޓްތަކަށް ވަންނަން ފުރަތަމަ 9،500 ދެއްކުމަށް ފަހު، ބާކީ ބައި ދެވަނަ މަހުގެ ތެރޭގައި ދެއްކިދާނެ އެވެ.  

ފުވައްމުލައް ސިޓީން ފްލެޓު ލިބުނު ފަރާތްތަކާއިއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފުވައްމުލަކުގައި ކުރިއަށް ދަނީ މި މަހު 28 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހު 4 ވަނަ ދުވަހާއި ހަމައަށެވެ. ފްލެޓު ލިބުނު ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ ކޮންމެ ދުވަހަކު ހެދުނު 08:30 އިން ހަވީރު 16:30 އަށް ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގައެވެ.

ގެދޮރުވެރިކުރުމުގެ މި މަޝްރޫއުގެ ދަށުން ފުވައްމުލައް ސިޓީގައި ވަނީ 200 ފްލެޓު އިމާރާތްކޮށްފައެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި އިމާރާތްކުރެވިފައި ވީ ނަމަވެސް އެތަނުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައެއް ނުވެއެވެ. އެހެންކަމުން ރައީސް ސޯލިހުގެ ވައުދާއި އެއްގޮތަށް ހައްގުވެރި ފަރާތްތަކަށް  ފްލެޓު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ދާއިރު އެތަނުގައި ދިރިއުޅެވޭވަރު ކުރުމަށްޓަކައި ފެނާއި ނަރުދަމާ އަދި ކަރަންޓް ގުޅުމުގެ މަސައްކަތްކޮށް މިހާރު ވަނީ ނިންމާފައެވެ. އަދި ފްލެޓު ސަރަހައްދުގެ ލޭންޑްސްކޭޕް ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުން ވަނީ މިމަހު 21ވަނަ ދުވަހު ސޮއިކޮށް އަ މޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައެވެ.