ޙަބަރު

ބޯހިޔާވަހިކަމާއި ގުޅޭ ދެ ބިލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވައިފި

ދިވެހިރާއްޖޭގައި ބޯހިޔާވަހިކަމަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން ދެ ބިލެއް ކަމާއި ގުޅޭ ފަރާތްތަކުގެ މަޝްވަރާއާއި އެކު ޑްރާފްޓްކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވައިފިއެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި މި ޑިސެމްބަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައި ވަނީ "ބޯހިޔާވަހިކަމަށް ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ޤާނޫނު" އަދި "އެއްމެދު އިމާރާތުގެ ޤާނޫނު"ގެ ބިލެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާ އެއްމެދު އިމާރާތުގެ ބިލަކީ، ދިވެހިރާއްޖޭގައި ބިނާކޮށްފައިވާ އަދި ބިނާކުރަން ގަސްތުކުރާ އިމާރާތްތައް، އެއްމެދު އިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށާއި، އެއްމެދު އުސޫލުން ބިމާއި އިމާރާތް އަދި އެއްމެދު އިމާރާތެއްގައި ހިމެނޭ ވަކިވަކި ޔުނިޓުތައް މިލްކު ކުރުމުގެ ހަމަތައް އެކުލަވާލުމާއި، އެ ޔުނިޓްތައް ގަނެވިއްކައި، އެއްމެދު އިމާރާތެއް ގޮތުގައި ރަޖިސްޓަރީކުރާ ބިމާއި އިމާރާތުގެ އާންމު ސަރަޙައްދުތައް (ކޮމަން އޭރިއާސް) ބަލަހައްޓައި، ބޭނުންކުރާނެ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ތައާރުފުކުރުމަށް އެކުލަވާލާފައިވާ ބިލެކެވެ.

އޭގެ އިތުރުން ރައީސް އޮފީހަށް ހުށަހެޅިފައިވާ ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ބިލަކީ،  ދިރިއުޅުމަށްޓަކައި ގެދޮރު ކުއްޔަށްދޫކުރުމާއި ކުއްޔަށްހިފުމާ ގުޅިގެން ކުއްޔަށްދޭފަރާތާއި ކުއްޔަށްހިފާފަރާތުގެ މަސްލަޙަތާއި ޙައްޤުތައް ބަޔާންކުރުމާއި ކުއްޔަށްދޭ ތަންތަން ގިންތިކުރުމާއި އެތަންތަނުގައި، ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި ކުލީގެ މުޢާމަލާތަކާއި ގުޅިގެން އުފެދޭ ދެބަސްވުންތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ އުޞޫލުތަކެއް ކަނޑައެޅުމުގެ ގާނޫނީ އޮނިގަނޑު ތައާރުފުކުރުމަށް އެކުލަވާލާފައިވާ ބިލެކެވެ.

މި ބިލުތައް މަޖިލީހުން ފާސްވުމުން ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށް ދޭ ފަރާތުގެ ހައްގުތަކާއި މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ޤާނޫނީ ހައިސިއްޔަތު ލިބިގެންދާނެއެވެ. އަދި އެއްމެދު އިމާރާތްތައް ރަޖިސްކޮށް ބޭނުންކުރުމާއި ބެލެހެއްޓުމުގައި ދިމާވާ މައްސަލަތައް ހައްލުކުރެވިގެންދާނެއެވެ.