ޙަބަރު

މަޢުލޫމާތު ޙިއްޞާކުރުމުގެ ނޮން-ޑިސްކްލޯޝަރ އެގްރިމެންޓެއްގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވަލޮޕްމަންޓް އަދި ނޭޝަނަލް ސޯޝަލް ޕޮޓެކްޝަން އެޖެންސީ އާއި ދެމެދު ސޮއިކޮށްފި

ދައުލަތުގެ ފަރާތުން މާލީ އެހީ ލިބޭ ފަރާތްތަކުގެ މަޢުލޫމާތު ޙިއްޞާކުރުމާއި ބެހޭ ގޮތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އާއި ދެމެދު ނޮން-ޑިސްކްލޯޝަރ އެގްރިމެންޓެއްގައި ސޮއިކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލެޕްމަންޓުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ނަޝީދު އަދި އެންސްޕާގެ ފަރާތުން ޑެޕިއުޓީ ސީއީއޯ ރުގިއްޔާ މުހައްމަދެވެ.

މި އެއްބަސްވުމުގެ ދަށުން އެންސްޕާ މެދުވެރިކޮށް ދައުލަތުގެ މާލީ އެހީ ލިބޭ ފަރާތްތަކުގެ މަޢުލޫމާތު ހައުސިންގ މިނިސްޓްރީގެ "މަގޭ ހިޔާވެހި" އޮންލައިން ޕޯޓަލްގެ ބޭނުމަށް ލިބިގެންދާނެއެވެ. އަދި މި އެއްބަސްވުމުގައި ވާގޮތުން އެންސްޕާއިން ފޯރުކޮށްދޭ މަޢުލޫމާތު "މަގޭ ހިޔާވެހި" އޮންލައިން ޕޯޓަލްގެ ބޭނުމަށް ފިޔަވައި އެހެން ކަމަކަށް ބޭނުން ނުކުރެވޭނެއެވެ. ހަމައެއާއެކު މަޢުލޫމާތްތަކުގެ ސިއްރު ހިފަހައްޓައި އިތުރު ފަރާތަކާއި އެ މަޢުލޫމާތު ޙިއްޞާވެސް ނުކުރެވޭނެއެވެ.

މި އެއްބަސްވުމުގެ ދަށުން އެކަނިވެރި މައިންގެ މަޢުލޫމާތު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މަޢުލޫމާތު، ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނާއި އެކުދިން ބަލަހައްޓާ ފަރާތްތަކުގެ މަޢުލޫމާތާއި އަދި ކާބޯތަކެތި ގަތުމަށް މާލީ އެހީ ދެވޭ ފަރާތްތަކުގެ މަޢުލޫމާތު ޕޯޓަލް މެދުވެރިކޮށް ދެވޭނެއެވެ. 

އެންސްޕާއިން  މި މަޢުލޫމާތުތައް ހައުސިންގ މިނިސްޓްރީއަށް ފޯރުކޮށްދެނީ "މަގޭ ހިޔާވެހި" އޮންލައިން ޕޯޓަލްގެ ބޭނުމަށް އެކަމަށް ޚާއްޞަ އިލެކްޓްރޯނިކް ނިޒާމެއް މެދުވެރިކޮށެވެ. އަދި އެންސްޕާ އިން ފޯރުކޮށްދޭ މަޢުލޫމާތުގެ ސިއްރު ހިފަހައްޓުމުގެ ގޮތުން، ޕޯޓަލްގައި ރަޖިސްޓަރީވާއިރު ސިއްރު ހިފަހައްޓާނެކަމަށް އެއްބަސްވާންޖެހެއެވެ.

"މަގޭ ހިޔާވެހި" ޕޯޓަލްގައި މިހާތަނަށް 9700 އަށްވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީވެފައެވެ. ކުރިއަށް އޮތް ހައުސިންގ ސްކީމްތަކަށް "މަގޭ ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް އެޕްލައިކުރެވޭނެއެވެ. މި ޕޯޓަލްގެ ދަށުން ކިއުގައި ނުޖެހި ހައުސިންގ ސްކީމްތަކަށް ފޯމް ހުށަހެޅުމުގެ ފަސޭހަ ރައްޔިތުންނަށް ލިބިގެންދާނެއެވެ.