ޙަބަރު

ހއ. ދިއްދޫގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ފެށިއްޖެ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ހއ. ދިއްދޫގައި އިމާރާތްކޮށްފައިވާ 250 ފްލެޓުގެ ތެރެއިން މިހާތަނަށް ހަވާލުނުކުރެވި ހުރި 110 ފްލެޓް ލިބިފައިވާ ހައްގުވެރި ފަރާތްތަކާއި ތަން ހަވާލުކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ކުރަމުން އެބަދެއެވެ.

މިގޮތުން މިހާރު ކުރަމުން ދަނީ ފްލެޓުތައް ލިބުނު ފަރާތްތަކާއެކު ތަނާއި ހަވާލުވުމުގެ ކުރިން ތަން ބަލައި  އެއްބަސްވުމުގައި ސޮއިކޮށް ފްލެޓު ހަވާލުކުރުމުގެ މަސައްކަތެވެ.

ހއ. ދިއްދޫ އިން ފްލެޓު ލިބުނު ފަރާތްތަކާއިއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މާރިޗު މަހު 4 ވަނަ ދުވަހުން ފެށިގެން މި މަހު 8 ވަނަ ދުވަހާއި ހަމައަށެވެ. ފްލެޓު ލިބުނު ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ ކޮންމެ ދުވަހަކު ހެދުނު 9 އިން ފެށިގެން ހއ. ދިއްދޫގައި ހުންނަ އަތޮޅުގެ އިދާރާގައެވެ.

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ މި މަޝްރޫއުގެ ދަށުން ހއ. ދިއްދޫގައި ވަނީ 250 ފްލެޓު އިމާރާތްކޮށްފައެވެ. މިހާތަނަށް 140 ފްލެޓް މީހުންނާއި ހަވާލުކޮށް ނިމިފައިވާއިރު ބާކީ ހުރި 110 ފްލެޓު ލިބެނީ ހައްގުވެރި ފަރާތަށްކަން ކަށަވަރުކުރުމުގެ ގޮތުން އޭސީސީ އާއި އެޓަރނީ ޖެނެރަލް އޮފީހުގެ ލަފާއާއި އެކު ފްލެޓަށް އެދި ހުށައެޅި ފޯމްތައް ވަނީ އަލުން އިވެލުއޭޓްކޮށް ލިސްޓް ތަރުތީބުކޮށްފައެވެ.