ޙަބަރު

704 ހައުސިންގ ޔުނިޓްތަކުގެ މަރާމާތު ޕްރޮގްރާމް ފެށިގެން ކުރިއައްދަނީ

ހުޅުމާލެއިން އެންމެ ފަހުން ދޫކުރި 704 ފްލެޓްގެ ތެރެއިން މަރާމާތަށް އެދިފައިވާ ފްލެޓްތައް މަރާމާތު ކުރުމުގެ ޕްރޮގްރާމްއެއް ވަނީ ފެށިފައެވެ. މިފްލެޓްތަކުގެ މަރާމާތަށް ބޭނުންވެ، ހުޅުވާލި ފުރުޞަތު ހަމަވީއިރު، 35 ފަރާތަކުން ވަނީ 90 މައްސަލައެއް ހުށަހަޅާފައިއެވެ. މިހާތަނަށް މައްސަލަ ހުށަހެޅި ފަރާތްތަކުގެ ފުލެޓަށް ޒިޔާރަތްކޮށް އިންސްޕެކްޓް ވަނީ ކުރެވިފައިއެވެ. އިންސްޕެކްޝަން ކުރިއަށްގެންދިޔައިރު ފާހަގަކުރެވުނު މައްސަލަތަކަށް ޙައްލު ހޯދައިދިނުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ރާވާފައި ވަނީ ތިން މަރުޙަލާއަކަށް ބަހާލާއިގެންނެވެ. އެގޮތުން ފެން ލީގުވުމުގެ މައްސަލައަށް ޙައްލު ހޯދައި ދިނުމުގެ މަސައްކަތް ފާއިތުވި ހަފްތާގައި ވަނީ ފަށާފައިއެވެ. އަދި 24 ޖަނަވަރީ 2020 ވަނަ ދުވަހުން ފެށިގެން ކަތުރުފަނި ނައްތާލުމައްޓަކައި، ކުރަން ޖެހޭނެ މަސައްކަތް ތަކާއި، ކަތުރު ފަނީގެ އަސަރު ކޮށްފައިވާ މިންގަނޑު ބެލުމުގެ މަސައްކަތް ވަނީ ފަށާފައިއެވެ. އެގޮތުން ކަތުރު ފަނީގެ މައްސަލައަށް އަވަހަށް ޙަލެއް ހޯދައިދޭން ޖެހޭ ކަމަށް ފެންނާތީވެ، އަދި އެމަސައްކަތުގެ ދަށުން ކަތުރު ފަނި ނައްތާލުމަށް، 25 ޖަނަވަރީ 2020 ވަނަ ދުވަހުފެ 14:00 އިން ފެށިގެން ބްލޮކް 173 ސަރަޙައްދުގައި ޕެސްޓް ކޮންޓްރޯލް ޓީމްތައް ދަނީ ޙަރަކާތްތެރި ވަމުންނެވެ. އަދި ވީ އެންމެ އަވަހަކަށް ދެން ހުރި މައްސަލަތަކަށް ވެސް ޙައްލުކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލެއިން އެންމެ ފަހުން ދޫކުރި 704 ފްލެޓުގެ ތެރެއިން މަރާމާތައް ބޭނުންވާ ފްލެޓްތަކުގެ އިންސްޕެކްޝަން ފަށައިފައި ވަނީ7 ޖަނަވަރީ2020 ވަނަ ދުވަހުއެވެ. ފްލެޓްތަކުގެ މަރާމާތު މައްސަލަ ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވެފައި ވަނީ " 16 ޖަނަވަރީ 2020 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.ފުލެޓްތައް މަރާމާތު ކުރުމުގެ މަސައްކަތްކުރާނީ ކޮންޓްރެކްޓަރ، ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނާއި ހައުސިންގ މިނިސްޓްރީ އާއި ގުޅިގެނެވެ. އަދި މި މަސައްކަތުގައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީންވެސް އެހީތެރިވާނެއެވެ.