ޙަބަރު

ރައްޔިތުންގެ މަޖްލިސްގައި މިނިސްޓަރ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އާ ސުވާލު ކުރައްވައިފި

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 6 ވަނަ ޖަލްސާގައި، މާފަންނު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ރިފާޢު، މިނިސްޓަރ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އަލްފާޟިލާ އާމިނަތު ޢާޠިފާ އާ ސުވާލުކުރައްވައިފިއެވެ.

މާފަންނު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ރިފާޢު އެއްސެވީ، ރައީސް ޔާމީންގެ ސަރުކާރުގައި އިފްތިތާޙުކޮށްފައިވާ ހިޔާ މަޝްރޫޢުގެ ދަށުން އަޅަމުންދާ ފްލެޓްތަކުގެ ތެރެއިން އެ ފްލެޓްތައް ލިބޭނެކަމަށް ގެޒެޓްކޮށްފައިވާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ، މިހާރު މަސައްކަތް ފަށާފައިވާ 7000 ދެ ކޮޓަރީގެ ފްލެޓް އާއި މަސައްކަތް ނުފަށާފައިވާ 2500 ދެ ކޮޓަރީގެ ފްލެޓްތަކަށް ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމާފައިވާ ކަމަށް ދޭހަވާ ގޮތަށް އެޗް.ޑީ.ސީ.ގެ މެނޭޖިންގ ޑިރެކްޓަރަށް ޙަވާލާދީ މީޑިއާގައި ޚަބަރު ފެތުރާފައިވާތީ އެއީ ޙަޤީޤަތެއްތޯއާއި އެހެންކަމަށްވާނަމަ އެ ފްލެޓްތަކުގެ ޙައްޤުވެރިންނަށް ވާނީ ކިހިނެއްތޯއެވެ.

މިނިސްޓަރާކުރެއްވި ސުވާލަށް މިނިސްޓަރ ޖަވާބު ދެއްވިއެވެ. އަދި އިތުރު ސުވާލު ކުރުމަށް ހުޅުވާލި ފުރުޞަތުގައި އިތުރު މެންބަރުން ކުރެއްވި ސުވާލުތަކަށްވެސް މިނިސްޓަރ ޖަވާބު ދެއްވިއެވެ.