ހިޔާވަހި ޕޯޓަލް ލޯންޗުކޮށްފި

22 ފެބްރުއަރީ 2024

ސަރުކާރުގެ 14 ހަފްތާ މަގުޗާޓުގައި ހިމެނޭ ބޯހިޔާވަހިކަމުގެ ޕޯޓަލް، ހިޔާވެހި ޕޯޓަލް ލޯންޗު ކޮށްފި އެވެ.
ހ. މީރުމާގައި މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި މި ޕޯޓަލް ރަސްމީކޮށް ލޯންޗުކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ޑރ. ޢާއިޝަތު ޝިހާމް އެވެ.
މި ހަފްލާގައި ވާހަކަ ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ހައިދަރު ވަނީ ޕޯޓަލްގެ ހާއްސަ ކަންކަމަށް އަލިއަޅުއްވާ ވާހަކަދައްކަވާފައެވެ. އެގޮތުން މި ޕޯޓަލްއާއެކު ބޯހިޔާކަމަށް ބޭނުންވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލެވިގެން ދާނެކަމަށާއި، މި ޕޯޓަލް މެދުވެރިކޮށް ބޯހިޔާވަހިކަމާއި ގުޅުންހުރި ހައުސިންގ ސްކީމްތައް އަދި ލޯން ސްކީމްތަކަށް ހުށަހެޅޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 
މި ޕޯޓަލްއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާ ތެރޭގައި ކުރުމަށް ވައުދުވެފައިވާ ބޯހިޔާވެހިކަމަށް އެޕްލިކޭޝަން ހުށަހެޅުމާއެކު، އެޕްލިކޭޝަންގެ ދަރަޖަ ވަގުތުން އެނގޭގޮތަށް ފަރުމާކުރެވިފައިވާ ޕޯޓަލްއެކެވެ. 
އެއާއެކު މި ޕޯޓަލްގެ ޒަރިއްޔާއިން ސަރުކާރުގެ ކޮންމެ ހައުސިންގ މަޝްރޫޢަކަށް ވަކިވަކިން އަމިއްލަ މަޢުލޫމާތުތައް ހުށަހެޅުން ނިމުމަކަށް ގެނެސް،ފަސޭހަ ކަމާއެކު ބޯހިޔާވަހިކަމުގެ ހިދުމަތް ރައްޔިތުންނަށް ލިބިގެންދާނެއެވެ. 
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް