ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ލޯނު ދޫކުރުމަށް "ހިޔާވެހި ފައިނޭންސް ސްކީމް"ގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހައުސިންގ ޑިވަލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނާއިއެކު މިނިސްޓްރީން އެމްއޯޔޫއެއްގައި ސޮއިކުރައްވައިފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ.އަލީ ހައިދަރުއެވެ. އަދި އެޗްޑީއެފްސީ އިން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޒިނާދުއެވެ.
މި ސްކީމަކީ އިސްލާމިކް ފައިނޭންސްގެ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ހާއްސަކޮށްގެން ތައާރަފްކުރާ ސްކީމެކެވެ. އަދި މި ސްކީމުގެ ދަށުން ބޯހިޔާވަހިކަމަށް ލޯނު ދޫކުރެވޭނީ %5 ޕްރޮފިޓް ނުވަތަ އިންޓަރެސްޓް ރޭޓުގައެވެ.
ހިޔާވެހި ފައިނޭންސް ސްކީމްގެ ލޯނުތައް ވަނީ ދެ ބާވަތަކަށް ބަހާލާފަ އެވެ. އެއީ އަތޮޅުތެރޭ ރަށްތަކަށް ހާއްސަ ސްކީމާއި ގްރޭޓާ މާލޭ ސަރަހައްދާއި މި ސަރުކާރުން ކަނޑައަޅާފައިވާ އާބަން ސެންޓަރުތަކަށް ހާއްސަ ސްކީމެވެ.
އެގޮތުން ރަށްރަށުގައި ގެދޮރު އިމާރާތްކުރަން ގިނަވެގެން ލިބެނީ އެއް މިލިއަން ރުފިޔާ އެވެ. މާލެ ސަރަހައްދާއި އާބަން ސެންޓަރުތަކުގައި ގެދޮރު އިމާރާތްކުރަން ތިން މިލިއަން ރުފިޔާއާ ހަމައަށް ލިބެ އެވެ.